..focusing on current affairs and issues related to Maldives and its people

Friday, August 28, 2009

ޑރ އަފްރަޝީމް ޢަލީގެ ލިއުމަށް ދެއްވާފައިވާރައްދު،

އާދަމުގެ ދަރި
ދެވަނަބައި- އިސްލާމީ ދައުލަތެއްގެ އިސްވެރިކަމަށް އަންހެނުން ޢައްޔަންކުރުން
އައްޝައިޚް މުޙައްމަދު ޝަހީމް ޢަލީ ސަޢީދް

ދެޖިންސުގެ ހަމަހަމަކަމުގެ ނަޒަރިއްޔާ


އިސްލާމްދީން ވަނީ އަންހެނާ އަށް ފުރިހަމަ ޤަދަރު ދެއްވާފައެވެ
< . އެހެން އެއްވެސް ސަމާވީ ރިސާލަތެއްގައި ދެވިފައިނުވާ މަތިވެރި ޤަދަރު މުޙައްމަދުصلى الله عليه وسلّمގެ ޝަރީޢަތުގައި އަންހެނާއަށް ދެއްވާފައިވެއެވެ.

މުޙައްމަދު صلى الله عليه وسلم ގެ ނަބަވީ ރިސާލަތު ފާޅުވީ އަންހެނުން އިހާނެތިކަމާއި، އަނިޔާވެރިކަމުގެ ޝިކާރައަކަށް ވެފައިވާ ދުވަސްވަރެއްގައެވެ. އެމީހުން ޅަފަތުގައި ވަޅުލެވުނެވެ. ގަނެ ވިއްކައި، އެއްވެސް އަގެއް ނެތް ބައެއްގެ ގޮތުގައިވިއެވެ. އެމީހުން އުފަންވުމަކީ ހިތާމަވެރިކަމެއްކަމުގައި ވެގެންދިޔައެވެ.


އެ ޖާހިލިއްޔަ މުޖުތަމަޢުގެ ޙާލަތު ބަޔާންކުރައްވަމުން ޤުރުއާނުގައި އައިސްފައިވެއެވެ. ( وَإِذَا بُشِّرَ أَحَدُهُمْ بِالأُنْثَى ظَلَّ وَجْهُهُ مُسْوَدًّا وَهُوَ كَظِيمٌ . يَتَوَارَى مِنَ الْقَوْمِ مِنْ سُوءِ مَا بُشِّرَ بِهِ أَيُمْسِكُهُ عَلَى هُونٍ أَمْ يَدُسُّهُ فِي التُّرَابِ أَلَا سَاءَ مَا يَحْكُمُونَ )[1] މާނައީ : [ އެއިން މީހަކަށް ލިބޭ އަންހެން ދަރިއެއްގެ ވާހަކައިން ޚަބަރު ދެވިއްޖެނަމަ. އެމީހެއްގެ މޫނު ކަޅުވެ އަނދިރިވެގެން ދެއެވެ. އެކަމުގެ ހިތާމަ ލިބިގެންވާ ޙާލުގައެވެ. އަދި އެކަމާމެދު ވީދެރައިން މީސްތަކުންގެ ކިބައިން އެމީހާ ނިވާވެގަނެއެވެ. އެމީހާއަށް ލިބުނު ޚަބަރުގެ ނުބައިކަމުންނެވެ. ނިކަމެތިކަން މަތީގައި އެގޮތް ޤަބޫލުކޮށްގެން ދޫކޮށްލާނީބާވައެވެ! ނުވަތަ ދިރިދިރިއޮއްވާ އެ އަންހެންދަރި ވަޅުލާނީބާވައެވެ! މިހެން އެމީހާގެ ހިތަށް އަރައެވެ. ދަންނާށެވެ! އެބައިމީހުންގެ ނިންމުން ނުބައިވެގެންވެއެވެ. ]

ނަމަވެސް އިސްލާމްދީންވަނީ މިހުރިހާ ނިކަމެތިކަމަކުން އަންހެނާ ނެރެ ސަލާމަތް ކޮށް އޭނާއަށް ކަރާމަތާއި، ޢިއްޒަތް ދީފައެވެ. ނަހަމަ ގޮތުގައި އޭނާގެ ގައިގައި ބީހުމާއި، އޭނާއަށް އިސްއުފުލާ ބެލުންވެސް މަނާކޮށްފައެވެ.

އިސްލާމީ ދައުލަތް މަދީނާގައި ޤާއިމުވެގެން ދިޔައީ މުސްލިމު އަންހެނުންނާ ފިރިހެނުންގެ މިންނެތް މަސައްކަތްތަކުގެ ސަބަބުންނެވެ. އަންހެނުން ތިބީ ހަމަ އެކަނިގޭތެރެއަކު ނޫނެވެ. ހަނގުރާމަވެރިންގެ ގޮތުގައި މައިދާނުގައްޔާއި، ބޭސްފަރުވާކުރުމުގައްޔާއި، އިންސާނީ ޢާއްމު ޚިދުމަތުގައްޔާއި، ތަޢުލީމު ދިނުމުގައި އަންހެނުން އަދާކޮށްފައިވަނީ ފިރިހެނުންނާ އެއްފަދަ، އަދި ބައެއް ޙާލަތުގައި އެއަށްވުރެ އިސްރޯލެކެވެ. މިއީ އިސްލާމީ ތާރީޚު ދެކެފައިވާ ޙަޤީޤަތްތަކެކެވެ. މިގޮތުން އުންމު ސުލައިލް، އައްރުބައްޔިޢު ، އުންމު ޢަޠިއްޔާ، އުއްމު ޢައްމާރާ، ޞަފިއްޔާ ބިންތި ޢަބްދުލްމުއްޠަލިބު، ޚައުލާ ބިންތި ޘަޢުލަބާ ، އަސްމާ ބިންތި އަބީބަކުރު، ކީރިތި ރަސޫލާ(صلى الله عليه وسلّم)ގެ އެންމެހައި އަނބިއަނބި ކަނބަލުން، ޚާއްޞަކޮށް އުންމުލްމުއުމިނީން ޚަދީޖާ ބިންތި ޚުވައިލިދު، އަދި ޢާއިޝާ އައްޞިއްދީޤާ، ފަދަ ބޭބޭކަލުން ހިމެނިވަޑައިގަންނަވަނީ އުއްމަތަށް އެކިއެކި ގޮތްގޮތުން ޚިދުމަތްކުރައްވާފައިވާ ބޭކަނބަލުންގެ ގޮތުގައެވެ. މިއީ އަދި މިސާލެއްގެ ގޮތުން ބަޔާންކުރެވުނު މަދު ބޭކަނބަލުން ކޮޅެކެވެ.

އުމަވީ ދައުލަތުގެ ދުވަސްވަރުގައްޔާއި، އައްބާސީންގެ ދުވަސްވަރުގައްޔާއި، އޭގެ ފަހުން އައި، ޒަމާންތަކުގައި ވަރަށް ހިއްވަރު ގަދަ، ތަފާތު ދާއިރާތަކުން ޢިލްމީ ޤާބިލުކަން ލިބިފައިވާ އަންހެނުންވަނީ އިސްލާމީ ތާރީޚުން ފެނިފައެވެ. އަންހެނުން ތިބެންޖެހޭނީ ހަމަ އެކަނި ގޭގެތެރޭގައި ކަމަށް ބުނުމަކީ އިސްލާމްދީނުގެ ރޫޙާ ޚިލާފު ކަމެކެވެ. އެބައިމީހުން އިޖުތިމާޢީ މައިދާނުން ވަކިކޮށްލުމަކީ ދީނުގެ ނުޞޫޞުތަކާ ތަޢާރުޟްވާކަމެކެވެ. ނަމަވެސް އެބައިމީހުން އިޖުތިމާޢީ ގޮތުން ޙަރަކާތްތެރިވާން ވާނީ އިސްލާމީ ގިއުގަނޑުގެ ތެރޭގައެވެ. އަޚްލާޤީ ހަމަތަކުގެ ތެރޭގައެވެ.

މިވާހަކަތަކުން ދޭހަވެގެން ދަނީ އިސްލާމީ ޙަޟާރަތު ބިނާކުރުމުގައި އަންހެނުން އަދާކޮށްފައިވާ މަތިވެރި ދައުރެވެ.

އާދެ! އިންސާނުންގެ މެދުގައި އުޞޫލީ ގޮތުން ހަމަހަމަކަމުގެ އަސާސް އެންމެ ފުރަތަމަ ޤާއިމުކުރި ދީނަކީ އިސްލާމްދީނެވެ. އިސްލާމްދީން ގެނެސްދީފައިވާ ހަމަހަމަކަމެއް އެހެން އެއްވެސް ފަލްސަފާއެއްގައި ނެތެވެ. ކޮންމެ މީހަކަށް ވެސް އެމީހަކަށް ޙައްޤު މަޤާމް ދީފައިވެއެވެ. އަންހެނުންނާ ފިރިހެނާއާއި އުޞޫލެއްގެ ގޮތުން އެއްހަމަ ކޮށްފައެވެ. އަންހެނުންނަށް ބައެއްކަމުގައި ތަކްލީފުކުޑަކުރައްވާފައިވެއެވެ. އެއީ އެބައިމީހުންނަށް ﷲ އޯގާތެރިވެވޮޑިގެންނެވުމުގެ ގޮތުންނެވެ. އަދި ބައެއް ޙާލަތުގައި ފިރިހެނާ އަށް ވުރެ އަންހެނާ މަތިވެރިކުރައްވާފައިވެއެވެ. އަނެއްބައި ޙާލަތުގައި ފިރިހެނުން މާތް ކުރައްވާފައިވެއެވެ. އަންހެނަކަށް ވިޔަސް ފިރިހެނަކަށް ވިޔަސް އެންމެ މާތް މީހަކީ އެންމެ ތަޤްވާވެރި މީހާކަމުގައި ލައްވާފައިވެއެވެ.

އިންސާނީ ވަންތަ ކަމުގައި ހަމަހަމަ ކުރެއްވާފައެވެ. ( يَا أَيُّهَا النَّاسُ إِنَّا خَلَقْنَاكُمْ مِنْ ذَكَرٍ وَأُنْثَى وَجَعَلْنَاكُمْ شُعُوبًا وَقَبَائِلَ لِتَعَارَفُوا إِنَّ أَكْرَمَكُمْ عِنْدَ اللَّهِ أَتْقَاكُمْ إِنَّ اللَّهَ عَلِيمٌ خَبِيرٌ ) މާނައީ : [2] ( އޭ މީސްތަކުންނޭވެ! ތިމަން ﷲ ތިޔަބައިމީހުން ހެއްދެވީ އާދަމްގެފާނާއި ޙައްވާގެފާނުގެ ކިބައިންނެވެ. އަދި ތިމަން ﷲ ތިޔަބައިމީހުން ތަފާތު ޤައުމުތަކަށާއި ޤަބީލާތަކަކަށް ލެއްވީ ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކަށް ތަޢާރަފުވުމަށްޓަކައެވެ. ހަމަކަށަވަރުން ﷲ ގެ ޙަޟްރަތުގައި ތިޔަބައިމީހުންކުރެ އެންމެ މާތްކަންބޮޑީ ތިޔަބައިމީހުންކުރެ އެންމެ ތަޤުވާވެރިމީހާއެވެ. ހަމަކަށަވަރުން ﷲ އީ މޮޅަށް ދެނެވޮޑިގެންވާ ޚަބީރުވަންތަ ރަސްކަލާނގެއެވެ. ]

ދީންވެރިވުމާއި ތަޤުވާވެރިކަމާއި ސަވާބާއި ދަރުމައިގެ މައިދާނުގައި ހަމަހަމަ ކުރެއްވިއެވެ. ( مَنْ عَمِلَ صَالِحًا مِنْ ذَكَرٍ أَوْ أُنْثَى وَهُوَ مُؤْمِنٌ فَلَنُحْيِيَنَّهُ حَيَاةً طَيِّبَةً وَلَنَجْزِيَنَّهُمْ أَجْرَهُمْ بِأَحْسَنِ مَا كَانُوا يَعْمَلُونَ )[3] މާނައީ:[ފިރިހެނުންގެ ތެރެއިން ނުވަތަ އަންހެނުންގެ ތެރެއިން އެމީހާ އީމާންވެ ހުރެ، ހެޔޮޢަމަލު ކުރާމީހާއަށް ބާއްޖަވެރި ތަނަވަސް ދިރިއުޅުމެއް ދެއްވައި އެފަދަ ދިރިއުޅުމެއްގައި އެމީހާ ލަހައްޓަވާހުށީމެވެ. އަދި އެބައިމީހުން އަމަލުކުރަމުންދިޔަ އެންމެ ރީތި ހެޔޮގޮތަށް އެބައިމީހުންނަށް ހުރި އެބައިމީހުންގެ ދަރުމައިން ތިމަން ﷲ އެބައިމީހުންނަށް ހެޔޮޖަޒާ ދެއްވާހުށީމެވެ.]

މަންމައެއްގެ ޙާލަތުގައި އޭނާ ފިރިހެނާއަށް ވުރެން މަތިވެރި ކުރެއްވިއެވެ. ( عَنْ أَبِيْ هُرَيْرَةَ - رَضِيَ اللهُ تَعَالَى عَنْهُ – قَالَ: جَاءَ رَجُلٌ إِلَى رَسُوْلِ اللهُ - صَلَّى اللهُ عَلَيْهِ وَسَلَّمَ - فَقَالَ: ياَ رَسُوْلَ اللهِ مَنْ أَحَقُّ النَّاسِ بِحُسْنِ صَحَابَتِيْ ؟ قَالَ: أُمُّكَ، قَالَ ثُمَّ مَنْ ؟ قَالَ: ثُمَّ أُمُّكَ ، قَالَ: ثُمَّ مَنْ ؟ قاَلَ: ثُمَّ أُمُّكَ ، قَالَ: ثُمَّ مَنْ ؟ قَالَ : ثُمَّ أَبُوْكَ) - މާނައީ:[ ﷲ ރުއްސުންލެއްވި އަބޫ ހުރައިރަތުގެފާނުގެ އަރިހުން ރިވާވެގެންވެއެވެ. ސަލާމާއި ޞަލަވާތްލެއްވި ﷲ ގެ ރަސޫލާގެ އަރިހަށް މީހަކު އައިސް ދެއްނެވިއެވެ. އޭ ﷲ ގެރަސޫލާ صلى الله عليه وسلم އެވެ. މީސްތަކުންގެ ތެރެއިން އަޅުގަނޑު އެންމެ ހެޔޮކޮންހިތުމަށް ޙައްޤުކަންބޮޑު މީހަކީ ކާކުތޯއެވެ؟ އިތުރުއެކަލޭގެފާނު ޙަދީސްކުރެއްވިއެވެ. ތިބާގެ މަންމައެވެ. އޭނާ ދެންނެވިއެވެ. ދެންކާކުތޯއެވެ؟ އިތުރުއެކަލޭގެފާނު ޙަދީސްކުރެއްވިއެވެ. ތިބާގެ މަންމައެވެ. އޭނާ ދެންނެވިއެވެ. ދެންކާކުތޯއެވެ؟ އިތުރުއެކަލޭގެފާނު ޙަދީސްކުރެއްވިއެވެ. ތިބާގެ މަންމައެވެ. އޭނާ ދެންނެވިއެވެ. ދެންކާކުތޯއެވެ؟ އިތުރު އެކަލޭގެފާނު ޙަދީސްކުރެއްވިއެވެ. ތިބާގެ ބައްޕައެވެ. ]

ދަރިއެއްގެ ޙާލަތުގައި އެ އަންހެން ދަރިފުޅަށް ބޮޑަށް އަޅާލުމަށް ހިއްވަރުދެއްވައި އަމުރުކުރެއްވިއެވެ. ( عن أبي سعيد الخدري – رضي الله عنه - أن رسول الله - صلى الله عليه وسلم - قال: " مَنْ كَانَ لَهُ ثَلاَثُ بَنَاتٍ أَوْ ثَلاَثُ أَخَواَتٍ أَوْ ابْنَتَانِ أَوْ أُخْتَانِ فَأَحْسَنَ صُحْبَتَهُنَّ وَاتَّقَى اللهَ فِيْهِنَّ دَخَلَ الْجَنَّةِ )[4] މާނައީ: [ ﷲ ރުއްސުންލެއްވި އަބޫސަޢީދުލްޚުދްރީގެ އަރިހުން ރިވާވެގެންވެއެވެ. ހަމަކަށަވަރުން ސަލާމާއި ޞަލަވާތްލެއްވި ﷲ ގެ ރަސޫލާ ޙަދީސްކުރެއްވިއެވެ.[ ތިން އަންހެން ދަރިން ނުވަތަ ތިން އަންހެން ކޮއްކޮއިން ނުވަތަ ދެއަންހެން ދަރިން ނުވަތަ ދެއަންހެން ކޮއްކޮއިން ރަނގަޅު ގޮތުގައި ތަރުބިޔަތުކޮށް ބޮޑުކޮށް އަދި އެކުދިންނާމެދު ﷲ އަށް ބިރުވެތިވެ ރަނގަޅު ގޮތުގައި މުޢާމަލާ ކޮށް ފިނަމަ އޭނާއަށް ސުވަރުގެ ހުއްޓެވެ.] -

އަންބެއްގެ ޙާލަތުގައި އޭނާއަށް އޯގާތެރިވެ، އޭނާގެ ޙައްޤުތައް ފުރިހަމަ ކުރުމަށް އަމުރުކުރެއްވިއެވެ.

( عن عائشة – رضي الله عنها- قالت: قال رسول الله صلى الله عليه وسلم : ( خَيْرُكُمْ خَيْرُكُمْ لأَهْلِهِ وَأَناَ خَيْرُكُمْ لأَهْلِيْ ) [5] މާނައީ: [ ﷲ ރުއްސުންލެއްވި ޢާއިޝަތުގެފާނުގެ އަރިހުން ރިވާވެގެންވެއެވެ. ސަލާމާއި ޞަލަވާތްލެއްވި ﷲ ގެ ރަސޫލާ ޙަދީސްކުރެއްވިއެވެ. [ ތިޔަބައިމީހުންގެތެރެއިން އެންމެ ހެޔޮކަން ބޮޑުމީހަކީ އެމީހެއްގެ އަނބިމީދަރީންނަށް ހެޔޮކޮށްހިތާމީހާއެވެ. ތިމަންކަލޭގެފާނަކީ ތިޔަބައިމީހުންގެތެރެއިން އެމީހެއްގެ އަނބިދަރީންނަށް އެންމެ ހެޔޮކޮށް ހިތާމީހާއެވެ. ]

ވާރުތަ މުދަލުން އަންހެނާ މަޙްރޫމުކޮށްފައިވަނިކޮށް ވާރުތަ މުދަލުން އޭނާ އަށް ދެއްވިއެވެ.

އަދި ﷲ ގެ ޙުދޫދުތަކުގެ ކުރިމަތީގައި ހަމަހަމަ ކުރައްވާފައިވެއެވެ. ( الزَّانِيَةُ وَالزَّانِي فَاجْلِدُوا كُلَّ وَاحِدٍ مِنْهُمَا مِئَةَ جَلْدَةٍ وَلَا تَأْخُذْكُمْ بِهِمَا رَأْفَةٌ فِي دِينِ اللَّهِ إِنْ كُنْتُمْ تُؤْمِنُونَ بِاللَّهِ وَالْيَوْمِ الآخِرِ وَلْيَشْهَدْ عَذَابَهُمَا طَائِفَةٌ مِنَ الْمُؤْمِنِينَ ) [6] މާނައީ : [ ޒިނޭކުރާ އަންހެނާއާއި ޒިނޭކުރާ ފިރިހެނާއާއި ދެމީހުންކުރެ ކޮންމެ މީހަކުގެ ގައިގައި ސަތޭކަ އެތިފަހަރުން ޙައްދު ޖަހާށެވެ. އަދި ﷲ އަށާއި އާޚިރަތްދުވަހަށް ތިޔަބައިމީހުން އީމާންވާކަމުގައި ވަނީނަމަ ޙައްދު ޤާއިމުކުރުމުގައި އެދެމީހުންނާއިމެދު އެއްވެސް ކަހަލަ އޯގާވެރިކަމެއް ތިޔަބައިމީހުން ނުބާއްވާށެވެ! އަދި އެދެމީހުންނަށް ދެވޭ ޢުޤޫބާތް މުއުމިނުންގެ ބަޔަކު ދެކޭހުށިކަމެވެ. ]

މިފަދަ ވަރަށް ގިނަ ކަންކަމުގައި އިސްލާމްދީންވަނީ އަންހެނާއާމެދު ޢަދުލުވެރިކަން ޤާއިމު ކޮށްފައެވެ. ބައެއް ކަންކަމުގައި ފިރިހެނާއަށް ވުރެން މަތީ ދަރަޖަ ދެއްވާފައިވެއެވެ. މިހެންކަމުން އިސްލާމްދީން އަންހެނާ އިހާނެތިކޮށްފައިވާކަމަށް ބައެއް ފަރާތްތަކުން އުފުލަމުންދާ ދަޢުވާތަކުގެ ޙަޤީޤަތަކީ ފަހެ ކޮބައިހެއްޔެވެ؟

އިސްވެދިޔަ އެއްވެސް ދާއިރާއެއްގެ ދަލީލެއް ނަގައިގެން، އަންހެނާގެ ފިޠުރީ ޙާލަތާއި، ޤާބިލިއްޔަތުކަން ހުރި މިންވަރަށްޓަކައި ﷲ ތަޢާލާ އިސްތިސްނާ ކުރައްވާފައިވާކަމެއްގައި ނުވަތަ އެފަދަ ޙާލަތެއްގައި ފިރިހެނުންނާ ހަމަހަމަ ވެގެންވާކަމަށް ބުނެ ދަޢުވާއެއް ނުކުރެވޭނެއެވެ.

މިހެން މިދެންނެވީ މިފަދަ ދާއިރާތަކުގެ ޢާއްމު ދަލީލުތަކުން ޙުއްޖަތް ދައްކައި، ދީނުގެ ހަމަތަކުގެ ޙަޤީޤަތް މީސްތަކުންނަށް އޮޅޭފަދަ ގޮތަކަށް ބައެއް ބޭފުޅުން ވާހަކަފުޅުދައްކަވައި އިސްތިސްނާ ކުރައްވާފައިވާ ޙާލަތްތަކަށް އެދަލީލުތައް ފެއްތެވުމަށް މަސައްކަތްކުރައްވަމުން ގެންދަވާތީވެއެވެ.

އަންހެނުންނާ ފިރިހެނުންނާ ތަފާތު ކުރައްވާފައިވާ ކަންކަމުގެ ތެރޭގައި ހެކިބަހުގައި ފިރިހެނެއްގެ ބަދަލުގައި ދެ އަންހެނުންކަމުގައި ބަޔާންކުރެއްވިއެވެ. މިދަންނަވަނީ އަޅުގަނޑުގެ އަމިއްލަ ވާހަކައެއްނޫނެވެ. ކީރިތި ﷲ ގެ ބަސްފުޅުން މިކަން ކަށަވަރުކޮށް ޞަރީޙުކޮށް އެނގެން އޮތަތީވެއެވެ. އެކަލާނގެ ބަސްފުޅުގައިވެއެވެ. ( وَاسْتَشْهِدُوا شَهِيدَيْنِ مِنْ رِجَالِكُمْ فَإِنْ لَمْ يَكُونَا رَجُلَيْنِ فَرَجُلٌ وَامْرَأَتَانِ مِمَّنْ تَرْضَوْنَ مِنَ الشُّهَدَاءِ أَنْ تَضِلَّ إِحْدَاهُمَا فَتُذَكِّرَ إِحْدَاهُمَا الْأُخْرَى )[1] މާނައީ : [ހެކިވެރިންގެ ގޮތުގައި ފިރިހެނުންކުރެ ބާލިޣުވެފައިވާ ޢަދުލުވެރި، ދެމީހުން ހެކިކުރާހުށިކަމެކެވެ. ދެފިރިހެނުން ލިބެން ނެތް ނަމަ ހެކިވެރިންގެ ގޮތުގައި ތިޔަބައިމީހުން ރުހޭ ފިރިހެނަކާއި ދެ އަންހެނުންނެވެ. އެއީ އޭގެތެރެއިން އަންހެނަކަށް ހަނދާން ނެތިއްޖެނަމަ އެކަކު އަނެކަކަށް ހަނދުމަކޮށްދީ އޮޅުން ފިލުވައިދިނުމަށްޓަކައެވެ. ]

ނަމަވެސް އަންހެނުންނަށް ޚާއްޞަ ކަންކަމުގައި އެކަބަލުނގެ އެކެއްގެ ހެކިބަސް ޤަބޫލުކުރެވިގެންވާ ކަމުގައި ޖުމުހޫރު ދަންނަބޭކަލުން އެއްބަސްވެވަޑައިގެންފައިވެއެވެ.

އަދި ވާރުތަ މުދާބެހުމުގައި މައިގަނޑު ގޮތެއްގައި ތަފާތު ކުރެއްވިއެވެ. ( يُوصِيكُمُ اللَّهُ فِي أَوْلاَدِكُمْ لِلذَّكَرِ مِثْلُ حَظِّ الأُنْثَيَيْنِ ) [2] މާނައީ: [ ތިޔަބައިމީހުންގެ ދަރީންނާމެދު ﷲ ވަޞީއްޔަތްކުރައްވައި އަމުރުކުރައްވަނީ މިފަދައިންނެވެ. ތިޔަބައިމީހުންގެ ތެރެއިން މީހަކު މަރުވުމަށްފަހު ދޫކޮށްފައިދާ ވާރުތަމުދަލުން، ތިޔަބައިމީހުންގެ ދަރީންކުރެ ފިރިހެންދަރިއަށް ދެ އަންހެނުންގެ ބަޔާ އެއްވަރުބައެއް ވެއެވެ.]

މިކަން މިގޮތަށް ކަނޑައަޅުއްވާފައިވަނީ ފިރިހެނާ ޚަރަދުކުރަންވާޖިބުވެގެންވާ ދާއިރާތައް ގިނަކަމުނެވެ. ޢާއިލާއަށާއި އެނޫންކަންކަމުގައި ވެސް ޚަރަދުކުރުން ދީނީ ގޮތުން ވާޖިބު، ނުވަތަ ލާޒިމުކުރައްވާފައިވަނީ ފިރިހެނުންގެ މައްޗަށެވެ. އަންހެނުންނަށް އެއީ ދީނީ ގޮތުން ވާޖިބުކުރައްވާފައިވާ ކަމެއްނޫނެވެ. އަންހެނުންނަށް ވަޒީފާގެ އިން ލިބޭ މުސާރައާއި އެނޫން ގޮތްގޮތުން ލިބޭ މުދަލާއި ފައިސާ ޚަރަދުކުރުމުމަކީ އޭނާގެ އަމިއްލަ އިޚްތިޔާރަށް ދޫކުރެވިފައިވާ ކަމެކެވެ. ހުރިހާ ދިމާލަކުން ވެސް އަންހެނުންނަށް ލިބޭނެއެވެ. މަންމައެއްގެ ޙާލަތުގައިވިޔަސް، އޭނާގެ ދަރީން އޭނާގެ މައްޗައް ޚަރަދުކުރަންވާޖިބެވެ. އަންބެއްގެ ޙާލަތުގައިވެސް އޭނާގެ ފިރިމީހާ އޭނާ އަށް ޚަރަދުކުރަން ވާޖިބުވެއެވެ. އަންހެންކޮށްކޮ، ނުވަތަ ދައްދައެއްގެ ޙާލަތުގައިވެސް އޭނާގެ ބޭބެ، ނުވަތަ އަޚުން އޭނާ އަށް ޚަރަދުކުރަން ވާޖިބެވެ. ފިރިހެނާ ކައިވެނީގެ ރަންވެސް ދޭން ޖެއެވެ. ވީމާ އަޞްލުގައި ގިނައިން މިލިބެނީ ކާކަށް ތޯއެވެ؟ ﷲ ގެ ޙިކުމަތް ވަންތަ ކަން ނިކަން ވިސްނާ ބައްލަވާށެވެ!!!

ނަމަވެސް ތަރިކަމުދާބެހުމާބެހޭ ޢިލްމު ( ފަރާއިޟް ) ގެ ދަންނަބޭކަލުން ވިދާޅުވާގޮތައް ހަ ޙާލަތެއްގައި އަންހެނާއަށް ފިރިހެނާ އަށް ވުރެ ގިނައިން ލިބެއެވެ. މިއީ މިމައްސަލައާ ސީދާ ގުޅޭ މަޤާމަކަށް ނުވާތީވެ، މީގެ ތަފްޞީލަށް މިވަގުތު ދިއުމަށް ޤަސްތު ނުކުރަމެވެ.

އިސްލާމްދީންވަނީ އިސްލާމީ ދައުލަތެއްގެ އިސް ވެރިކަމަކީ ފިރިހެނުންގެ ޙައްޤެއްކަމުގައި ބަޔާން ކުރައްވައި، އެއިން އަންހެނުން އިސްތިސްނާ ކުރައްވާފައެވެ. ކަމުގެ ބޮޑުކަމުންނާއި، މަސްއޫލިއްޔަތުގެ ވަރުގަދަކަމުންނެވެ. ( لَنْ يُفْلِحَ قَوْمٌ وَلَّوْا أَمْرَهُمْ امْرَأَةٌ) [ رواه البخاره البخاري ، وأحمد ، والنسائي ، والترمذي وصححه .] [އެބައެއްގެ ވެރިކަމަށް އަންހެނަކު އިސްކޮށްފި ބައަކަށް ދުވަހަކުވެސް ކާމިޔާބެއްނެތެވެ.]

އާދެ! މި ދެންނެވުނު ކަންކަމުގައި އިސްލާމްދީންވަނީ އަންހެނުންނަށް ތަކްލީފު ކުޑަކުރައްވާފައެވެ. މިއިންކަމެއްގައި ފިރިހެނާއާ އެއްހަމަ ކުރުމަށްޓަކައި އިންސާނީ ވަންތަކަމުގައި ހަމަހަމަ ކުރެއްވިކަމަށް ބަޔާންކުރައްވާފައިވާ ދަލީލުތައް ނަންގަވައިގެން ނުވަތަ، ތަޤުވާވެރިކަމުގެ ސަވާބުގައި ހަމަހަމަ ކުރައްވާފައިވާ ދަލީލުތައް ނަންގަވައިގެން އަންހެނުންނަ ވެރިކަންވެސް ކުރެއްވިދާނޭ ކަމަށް ވިދާޅުވާހަކަ ދެއްކުމަކީ ދީނުގެ ޢިލްމުވެރިންކުރައްވާފައިވާ ކަމެއްނޫނެވެ.

ޝަރީޢަތުގައި ހަމަހަމަ ކުރައްވާފައިވާ ކަންކަމާއި، އިސްތިސްނާ ކުރައްވާފައިވާ ޙާލަތްތަކަކީ ކޮންމެހެންވެސް އެގެންޖެހޭނެ ކަންތައްތަކެވެ. އެކަންކަން ކަނޑައަޅުއްވާފައިވަނީ ޙަޤީޤަތުގައި ﷲ ގެ ޢަދުލުވަންތަވެރިކަމުންނެވެ.

އަންހެނުން ފިރިހެނުންނާ އެން ހަމަ ކުރުމުގެ ގޮތުން އެކަނބަލުންނަށް ވެރިކަން ކުރުމުގެ ޙައްޤު އޮތްކަމަށް ދެކި އުފުލޭ އަޑުތަކަކީ އިސްލާމްދީނުގެ އަޞްލު އުޞޫލުތަކާ ތަޢާރުޟްވާ ދަޢުވާތަކެކެވެ. މިއީ އިސްތިޢުމާރުގެ އޮއިވަރުގެ އަސަރުތަކެވެ. ހުޅަނގުގެ ނަޒަރިއްޔާއެކެވެ.

ކުރިންވެސް ދެންނެވިފަދައިން އިސްލާމީ ޤައުމެއްގެ ވެރިކަން އަންހެނަކަށް ދިނުމަކީ ހުއްދަކަމެއްނޫންކަން ތަކުރާރުކޮށް ބުނަމެވެ. އަޅުގަނޑުމެންގެ މައްޗައް އޮތީ ބަޔާންކޮށްދިނުމެވެ.

މުއުމިނުންގެ ސިފައަކީ ﷲގެ ޝަރީޢަތް ހިތުގެ އަޑިން ޤަބޫލު ކުރުމެވެ. އަދި އެއާ އެއްގޮތައް ޢަމަލުތައް ބެހެއްޓުމެވެ. ނަމަވެސް އެއީ، އެޒަމާންވީމައޭ، މިއީ މިޒަމާންވީމައޭ، ކިޔައި ދީނުގެ ދަލީލުތަކުގެ ކުރިމަތީގައި ތިމާމެންގެ ފަލްސަފާ ކުރިއަށް ނެރުމަށްވުރެން ވަކިން ބޮޑު އަނިޔާވެރިކަމެއް އޮންނާނެ ހެއްޔެވެ؟

އިސްލާމްދީނަކީ ޤިޔާމަތަށް ދާންދެން ދެމިގެންވާ ޝަރީޢަތުގެ ދީނެވެ. މިހެންކަމުން އާޔަތްތަކާއި، ޙަދީޘްތަކުން ޙުކުމް ނެގުމުގައި ، ހަމައެކަނި އެޒަމާނަށް ނިސްބަތްކޮށްފި ނަމަ، ޝަރީޢަތުން އަޅުގަނޑުމެންނަށް ބާކީ އޮންނާނީ ކޮންޗެއްހެއްޔެވެ؟

ޙުކުމްތައް އޭގެ ސަބަބަށް ނިސްބަތްކޮށް އެކަހެރިކޮށްލެވޭނަމަ ނަފީކުރަންޖެހޭނީ މިޙުކުމް އެކަންޏެއްނޫނެވެ. ޡިހާރު ކުރުމާއި، ލިޢާނުކުރުމާއި، ޒިނޭއާއި، ރޯދަމަހު ދުވާލު ޖިމާޢުވާ މީހާގެ ކައްފާރާއާއި، މިފަދަ އެތައް ޙުކުމެއް ކަނޑައަޅުއްވައި، ބަޔާންކުރެއްވީ ވެސް ތަފާތު ޙާދިޘާތަކާ ގުޅިގެންނެވެ.

މިހެންކަމުން އެޙުކުމްތައް އެސަބަބުތަކަށާއި، އެ ޙާދިޘާތަކަށް ނިސްބަތްކޮށްފައި، އެއީ މިހާރަށް އޮތްކަމެއްނޫނޭ ބުނެ، ޒަމާން މިއޮތީ ބަދަލުވެފައޭ، ތިމަންމެންވީ ބަދަލުވެގަންނަންށޭ ކިޔައި ޝަރީޢަތުގައިވާ ޙުކުމްތައް ފައިދަށަށްލައި އެއާ ޚިލާފުވާގޮތަށް ވަޟްޢީ ޤާނޫނުތައް ހަދަންވީހެއްޔެވެ؟ މިއީ އެއްވެސް ޒަމާނެއްގައި މިއުއްމަތުގެ މީހުން ދައްކާއުޅުނު ވާހަކައެއްނޫނެވެ.

އިސްވެ ދިޔަ ޙަދީޘް { لن يفلح قوم ولّوا أمرهم امرأة } މިއީ ކުރިންވެސް ދެންނެވިފަދައިން އަލްއިމާމުލްބުޚާރީ އާއި، އަލްއިމާމުއްތިރްމިޛީއާއި، އަލްއިމާމު އަޙްމަދުއާއި، އައްނަސާއީއާއި ސުންނަތުގެ އެތައް އިމާމުން ރިވާކުރައްވާފައިވާ ޙަދީޘެކެވެ.

މިހެންކަމުން މީގެ ޞައްޙަކަމާމެދު އެއްވެސް ޝައްކެއްނެތެވެ. ޙަދީޘްގެ މާނައަކީ [އެބައެއްގެ ވެރިކަމަށް އަންހެނަކު އިސްކޮށްފި ބައަކަށް ދުވަހަކުވެސް ކާމިޔާބެއްނެތެވެ.] މީގައި މިބަޔާންކުރަނީ ކާމިޔާބު ނުވާނެކަމަށެވެ. ފަލާޙެއް ނެތްކަމެވެ. އެއީ ދުނިޔެއާއި އާޚިރަތުގެ ފަލާޙެވެ.

އެޙަދީޘްގައި ވަނީ ކާމިޔާބު ނުވާނޭކަމެވެ. މިހެންވީމާ އެމާނަ އަމިއްލަ ފަލްސަފާއިން ތަޣައްޔަރު ކުރުކަމަށް ޖާގައެއް ނެތެވެ. ޝައްކެއްނެތެވެ. އަންހެނުންނަކީ އެކަނބަލުންގެ ޠަބީޢަތް ފިޠުރަތު ކުރެވިފައިވާ ގޮތުން ޚަޞްމުންގެ މެދުގައި ޙުކުމް ކުރުމާއި ދައުލަތް ހިނގުމުގެ ލިޔާޤަތު ލިބިފައިވާ ބައެއްނޫނެވެ. ހަނގުރާމައިގެ ވަގުތުގައްޔާއި، ސިޔާސީ ހަލަބޮލިކަންތައްތަކުގެ ކުރިމަތީގައި އަންހެނުންނަށް ކެތްތެރިވެވުމަކީ ގިނަ ފަހަރު ނުވާނެކަމެކެވެ.

އަންހެނުންގެ ތެރެއިން ވަރަށް ބުއްދިވެރި ހިއްވަރުގަދަ އަންހެނުން ނެތެކޭ އަޅުގަނޑު ނުދަންނަވަމެވެ. ނަމަވެސް ޢާއްމު ޙާލަތުގެ މައްޗައް ބުރަވެ މިހެން ދަންނަވަން ޖެހުނީއެވެ. ޝަރުޢީ ޙުކުމްތައް ބިނާވާންޖެހޭނީ ޢާއްމު ޙާލަތަށެވެ. ނާދިރުކަންކަމުގެ މައްޗައް ޙުކުމް ބިނާނުކުރުވެނޭނެއެވެ.

ވެރިކަމުގެ ބާރުތައް ވަކިކުރެވިފައި، ޒަމާން ބަދަލުވެފައި ވިޔަސް މިކަމެއް އެކަނބަލުންނަކަށް ނުވާނެއެވެ. ޝަރީޢަތެއް އަދި ބަދަލެއް ނުވެއެވެ. އަންހެނުންނެއްވެސް ބަދަލެއް ނުވެއެވެ. އެކަނބަލުންނަށް އަމުރުކުރެވިގެންވަނީ އެކަނބަލުންނަށް އެކަށީގެންވާފަދަ ކަންކަމާއި މަސްއޫލިއްޔަތު އަދާކުރުމަށެވެ.

މިހެންކަމުން އެކަނބަލުންނަށް ކުޅަދާނަވެގެން ނުވާކަންތައްތައް އެކަނބަލުންނަށް ޖެއްސުމަކީ އެކަނބަލުންގެ ޙައްޤުތައް ނިގުޅައިގަތުމެކެވެ. އިހާނެތިކޮށް ހިތުމެވެ. މިފަދަ ބޮޑު ޒިންމާއަކީ އަންހެނުންނަށް ތަޙައްމުލް ކުރެވޭވަރަށް ވުރެން ބޮޑު މަސްއޫލިއްޔަތެވެ.

މާތް ﷲ އެއްވެސް އިންސާނަކަށް އަނިޔާވެރިވެ ވޮޑިގެން ނުވެއެވެ. މިކަމުން ވެސް ދޭހަވަނީ އެކަނބަލުންނާމެދު ﷲ ގެ އޯގާވަންތަކަމާއި އެކަނބަލުންނަށް ދެއްވި ޤަދަރާއި ކަރާމަތާއި ޢިއްޒަތެވެ.

އަންހެނާއަކީ، އޯގާތެރިކަމާއި ރަޙުމް ކުރުމުގެ ސިފަ ފިރިހެނާއަށް ވުރެން ބޮޑަށް ފިޠުރީގޮތުން އޭނާގެ ނަފުސުގައި ލައްވާފައިވާ މީހެކެވެ. އަދި ޙައިޟުއާއި، ނިފާސްގެ ކަންތައްތަކަކީ އޭގެ ދުވަސްވަރުގައި ނަފްސާނީ ގޮތުން ވަރުބަލިވުމާއި، ބަލިކަށިކަން ތަޙައްމުލު ކުރަންޖެހޭ ކަންތައްތަކެކެވެ.


އަދި ބަލިވެ އިންނަ ދުވަސްވަރަކީވެސް ހަމަ އެހާމެ ބަލިކަށިކަން ތަޙައްމުލު ކުރަންޖެހޭ ދުވަސްތަކެކެވެ. މިއިން ކޮންމެ ކަމެއްގައި އަރާމު ކުރަންޖެހެއެވެ. އޭނާ އަކީ ޤައުމުގެ އިސްވެރިޔާނަމަ، މިކަންކަމުގެ ސަބަބުން ދައުލަތް ހިނގުމުގެ ނިޒާމަށް ލޮޅުން އެރުމަކީ ދުރުގައިވާ ކަމެއްނޫނެވެ. ނަބިއްޔުން ފޮނުއްވައި، ފޮތްތައް ބާވާލައްވައި، ނަރަކާއި ސުވަރުގެ ލައްވައި، ޤިބުލަ އެއް ލެއްވުނީ ބިންމަތީގައި ޢަދުލުވެރިކަން ޤާއިމުކުރުމާއި އަމަން އަމާންކަން ޤާއިމުކުރުމަށްޓަކައެވެ.

އިސްލާމްދީން އަންހެނާ އަށް ތަކްލީފު ނުޖައްސައި، އިސްތިސްނާ ކުރައްވާފައިވާ ކަންތައްތައް ފިޔަވައި އެހެން ކޮންމެ ވަޒީފާއެއް އަދާކުރުމަކީ ދީން މަނާކޮށްފައިވާ ކަމެއްނޫނެވެ.
(ނުނިމޭ)

2 comments: